Wednesday, June 10, 2009


ސްމޯލް ޕޮކްސް



އެ ވަބާއެއްގެ ސަބަބުން އިންސާނީ ދަރިފަސްކޮޅު ދުނިޔެއާއި ނެތިކޮއްލި އެންމެ ބޮޑު އެއް ވަބާއަކީ، ނުރައްކާތެރި ބައްޔެއްކަމުގައިވާ "ސްމޯލް ޕޮކްސް" އޭ ދެންނެވިދާނެއެވެ. ދުނިޔޭގެ ތާރީޚް ދުށް މި ނުރައްކާތެރި ބަލީގައި ހަމައެކަނި 20 ވަނަ ޤަރުނުގެ ތެރޭ އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 300 މިލިއަނަށްވުރެ ގިނަ މީހުން މަރުވިއެވެ. ގައިންގަޔަށް އަރާ މިބަލީގެ އަސަރު ދުނިޔޭގައި ނުފެތުރޭ ޤައުމެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިބަލި އެންމެ ފުރަތަމަ ފެތުރިގެން އައިސްފައިވަނީ ސަލާމްލެއްވި އީސާގެފާނު ދުނިޔެއަށް ފާޅުކުރެއްވުމުގެ 430 އަަހަރު ކުރިން ކަމަށް ތާރީޚީ އިލްމުވެރިން ލިޔުއްވާފައިވެއެވެ.

މިހާތަނަށްވެސް "އެންމެ" އިފެކްޓިވް ބޭހެއް ހޯދިފައިނުވާ މިބަލީގެ އަސަރުފޯރި މީހުންގެ ތެރެއިން 30 ޕަސެންޓް މީހުން މިދުނިޔެއާއި ވަކިވާން ޖެހުނުއިރު ބަލީގެ އަސަރުކުރި މީހުންގެ ތެރެއިން 65 އާއި 85 ޕަސެންޓާއި ދެމެދުގެ މީހުންގެ މުޅި ހަށިގަނޑުގެ އެތަން މިތަނުގައި ކުދި ބިހިތަކެއް ނެގުމުގެ ސަބަބުން ހަށިގަނޑު ފާރުވެގެން ދިޔައެވެ. ލޯ އަނދިރިވުމަކީވެސް މިބަލީގެ އަސަރުކުރި މީހުންނަށް ދިމާވި އަނެއް ނުރައްކަލެވެ. 18 ވަނަ ޤަރުނުގެ ތެރޭ، ޔޫރަޕްގައި މިބަލިޖެހިފައި ތިބި މީހުންގެ ނިސްބަތުން ކޮންމެ ތިން މީހަކުން އެކަކަށް މި ބަލީގެ ސަބަބުން ލޯ އަނދިރިވިއެވެ. 1989 ވަނަ އަހަރު ވިއެޓްނާމްގައި ކުރި ސާރވޭއަކުން ދެއްކި ގޮތުގައި، އެޤައުމުގައި މިބަލި ޖެހިގައި ތިބި 95 ޕަސެންޓް ކުދިންގެ ހަށިގަނޑުގައި ކުދިކުދި ބިހިތަކެއް ހުރިއިރު އޭގެ ތެރެއިން ކޮންމެ ދިހަ ކުއްޖަކުން ނުވަ ކުއްޖަކަށް މިބަލީގެ ސަބަބުން ލޯއަނދިރިވުމާއި ކުރިމަތި ލާންޖެހުނެވެ.

18 ވަނަ ޤަރުނުގެ ފަހުކޮޅު، ސްވެޑެން އާއި ފްރާންސްގައި ވިހާ ކޮންމެ 10 ކުއްޖަކުން އެކަކު މިބަލީގެ ސަބަބުން މަރުވިއެވެ. އަދި ހަމަ އެދުވަސްވަރު ރަޝިޔާގައި އުފަންވާ ކޮންމެ 7 ކުއްޖަކުން އެއްކުއްޖަކު ދުނިޔެއާއި އަލްވަދާޢު ކިޔަން ޖެހުނެވެ.

މިބަލީގައި ދުނިޔޭގެ ބާރުގަދަ އެތަށް ރަސްރަސްކަލުންނެއްވެސްވަނީ މަރުވެފައެވެ. މިގޮތުން އިންގްލޭންޑްގެ ރާނީ ކްއީން މޭރީ 2 އާއި އޮސްޓްރޭލިޔާގެ އެމްޕަރަރ ޖޯސެފް 1 އާއި ސްޕެއިންގެ ކިންގު ލުއިސް 1 ގެ އިތުރުން ރަސިޔާގެ ރޫލަރ ނުވަތަ ޓްޒަރ ޕީޓަރ 2 އަދި ސްވެޑެންގެ ކްއީން އަލްރިކާ އެލެނޯރާ އާއި ފްރާންސްގެ ކިންގު ލޯއީސް ހިމެނެއެވެ.

މިބަލީގެ ވަބާ ދުނިޔެއަށް ފެތުރިގެންދިޔަ ހަލުވިމިން ވެގެން ދިޔައީ ދުނިޔެއިން އިންސާނުންގެ ދަރިފަސްކޮޅު ނެތި ހިގައިދާނެކަމުގެ ބިރަކަށެވެ. އެހެންކަމުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ "ޑަބްލިޔު.އެޗް.އޯ" އިން 1967 ވަނަ އަހަރު ވެކްސިން ތައްޔާރުކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކެމްޕޭނެއް ފެށިއެވެ. އޭރު ދުނިޔޭގެ 60 ޕަސެންޓް މީހުންނަށް މިބަލީގެ އަސަރު ކޮންމެވެސް ވަރަކަށް ވަނީ ފޯރާފައެވެ. ޑަބްލިޔު.އެޗް.އޯ އިން ފެށި މިކެމްޕެއިން ވެގެންދިޔައީ، އިންސާނުނަށް ކުރިމަތިވި މިނުރައްކާތެރި ވަބާ މުޅި ދުނިޔެއިން ފޮހެލެވުނު ކާމިޔާބު މަޝްރޫޢުއަކަށެވެ. އެފްރިކާގެ ޤައުމުތަކުގައި ފުރަތަމަ ފަށައިގެން ކުރިއަށް ގެންދިޔަ މިކެމްޕޭން 1977 ވަނަ އަހަރު ނިންމާލިއިރު، މިބަލީގެ އަސަރު ކޮށްފައި އެންމެ ފަހު މީހަކަށް ދުނިޔޭގައި ހުރީ ސޯމާލިޔާގެ ރައްޔިތެކެވެ.

.

ބަރަކް އޮބާމާގެ ހަޔާތަށް އަވަސް ކަޅިއެއް


ބަރަކް ހުސައިން އޮބާމާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1961، އޮގަސްޓް 4 ވަނަ ދުވަހު ހަވާއީގެ ހޮނޮލޫލޫ އަށެވެ. ބަރަކްގެ ބައްޕަ، ބަރަކް އޮމާބާ ސީނިއަރ، އަކީ އެފްރިކާ ބައްރުގެ ކެންޔާއަށް އުފަން ބޭފުޅެކެވެ. އޮބާމާގެ މަންމަ، އާން ޑެންހަމް ބޮޑުފުޅުވަމުން އައިސްފައިވަނީ ކެންސަސްގެ ވިސީޓަސްގައެވެ. އޮބާމާގެ މަންމަ، އާން ޑެންހަމްގެ މައިންބަފައިންނަކީ ދެވަނަ ބޮޑު ހަނގުރާމާގައި ޖަޕާނުން، ޕާލް ހާބަރއަށް ދިން ހަމަލާއަށްފަހު އެމެރިކާގެ އަސްކަރީ ދާއިރާގައި ޚިދުމަތްކުރެއްވި ދެ ބޭފުޅުންނެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުމުން އެ ދެމަފިރިން ހަވާއީއަށް ބަދަލުވެ، ފެޑެރަލް ހައުސިން ޕްރޮގްރާމްގެ ދަށުން ގެއެއް ގަނެ، ހަވާއީގައި ވަޒަންވެރިވީއެވެ. ހަމަ އެދުވަސްވަރު ކެންޔާގައި ހުންނެވި ބަރަކްގެ ބައްޕަ، އޮބާމާ ސީނިއަރއަށް ލިބުނު ސްކޮލަޝިޕެއްގައި ހަވާއީއަށް ކިޔަވާވިދާޅުވުމަށްޓަކައި ދިޔައެވެ. އޭރު އޮބާމާގެ މަންމަ، އާން ޑެންހަމްވެސް ކިޔަވާވިދާޅުވަމުންދިޔައީ އޮބާމާގެ ބައްޕަވެސް ކިޔަވާވިދާޅުވަމުންދިޔަ ހަވާއީ ޔުނިވަރސިޓީގައެވެ. މިދެމަފިރިން އެންމެ ފުތަރަމަ ދިމާވެފައިވަނީ ޔުނިވަރސިޓީގައި ކިޔަވަންއުޅުއްވި ދުވަސްވަރުއެވެ. އަދި އޭގެ އަހަރުތަކެއްފަހުން މިދެމަފިރިން ކައިވެނީގެ ގޮތުން ގުޅުނެވެ.

އޮބާމާގެ އުމުރުފުޅުން އެންމެ ދެ އަހަރުގައި މިދެމަފިރިންގެ ކައިވެނި ރޫޅިގެން ދިޔައެވެ. އޭގެ ފަހުގައި އޮމާބާގެ ބައްޕަ ހަވާޑް ޔުނިވަރސިޓީއަށް ބަދަލުވެ، އެތަނުން ޕީ.އެޗް.ޑީ ހާސިލްކުރެއްވުމަށްފަހު އެނބުރި އޭނާގެ ޤައުމަށް، އާދެ ކެންޔާއަށް އެއްކޮށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އޭގެ ދުވަސްކޮޅެއްފަހުން އޮބާމާގެ މަންމަ، ހަވާއީގައި ކިޔަވަންހުންނެވި އިންޑޮނޭޝިޔާގެ މުސްލިމް ފިރިހެނަކާއި ކައިވެނި ބައްލަވައިގެން އޮބާމާ އާއިއެކު 1967 ވަނަ އަހަރު ޖަކާޓާއަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އޮބާމާގެ އަންހެން ކޮއްކޮ، އުފަންވެފައިވަނީ އޮމާބާގެ އާއިލާ ޖަކާޓާއަށް ބަދަލުވެ ވަޑައިގެން ފަހުންނެވެ. އޮބާމާ ފުރަތަމަ ތަޢުލީމު ހާސިލްކުރެއްވީ އިންޑޮނޭސިޔާގެ އިސްލާމީ މަދުރަސާއެއްގައެވެ. އެމަދުރަސާއަކީ ހުރިހާ މާއްދާތަކެއްވެސް އިންޑޮނޭސިޔާ ބަހުން ކިޔަވައިދެމުން ދިޔަ މަދުރަސާއެކެވެ. މަރުރަސީ ދައުރުގައި އޮމާބާގެ ނަމަކަށް އޭނާގެ ރަޙުމަތްތެރިން ކިޔާފައިވަނީ "ބެރީ" އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އޮބާމާގެ އުމުރުން ދިހަ އަހަރުގައި އަނެއްކާވެސް އޭނާގެ މުސްކުޅި މާމަމެން ކައިރިއަށް، ހަވާއީއަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. ހަވާއީއަށް ދިރިއުޅުން ބަދަލުވެވަޑައިގަތުމަށްފަހު ޕުނަހޫ އެކަޑަމީގެ 5 ވަނަ ގުރޭޑުން ކިޔަވާވިދާޅުވާން ފެށިއެވެ. އަދި 1979 ވަނަ އަހަރު އޯނާސްއަކާއިއެކު އެތަނުން ގުރެޖުއޭޓްވިއެވެ، އޮމާބާއަކީ އެމަދުރަސާގައި ކިޔަވަންތިބި ކަޅު ނަސްލުގެ ތިން ދަރިވަރުންގެ ތެރެއިން އެއްބޭފުޅެވެ. އެމެރިކާގެ ނަސްލީ ތަފާތުވުންތައް ނައްތާލުމަށް އޮބާމާގެ ވިސްނުންފުޅު ފެށިގެން އައީ މިތަނުގައި ކިޔަވާވިދާޅުވާން ހުންނަވަނިކޮށެވެ.

1995 ވަނަ އަހަރު އޮމާބާގެ މަންމަ އުރަމަތީ ކެންސަރުގެ އާލާސްކަންފުޅުގައި އަވަހާރަފުޅުވީއިރު، އޮމާބާ ހުންނެވީ ހަވާއީގައެވެ. އޮބާމާއަށް އޭނާގެ ބައްޕަ ހަމަލޮލުން ފެނިވަޑައިގެންފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1982 ވަނަ އަހަރު ދިމާވި ކާރު އެކްސިޑެންޓެއްގައި އޭނާގެ ބައްޕަ ނިޔާވިދުވަހުއެވެ.

ކެނިފޯނިޔާ ޔުނިވަރސިޓީގައި ދެއަހަރު ދުވަހު މަތީ ތަޢުލީމް ހާސިލްކުރެއްވުމަށްފަހު ކޮލަންބިއަން ޔުނިވަރސިޓީއަށް ވަދެވަޑައިގެން ޕޮލިޓިކަލް ސައިންސްގެ ރޮނގުން އޮބާމާ ޑިގްރީއެއް ހާސިލްކުރެއްވިއެވެ. އެއަށްފަހު ހަވާޑް ޔުނިވަރސިޓީއަށް ވަދެވަޑައިގެން 1991 ގައި ޤާނޫނީ ރޮނގުން މާސްޓާސް ހާސިލްކުރެއްވިއެވެ. ގާނޫނީ ރޮނގުން މާސްޓާސް ހާސިލްކުރެއްވުމަށްފަހު އޮމާބާ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ލޯ ފާމެއްގައި ސިވިލް ރައިޓްސް ލޯޔަރެއްގެ މަޤާމެވެ. 1992 ވަނަ އަހަރު ބިލް ކަލިންޓަނުގެ ރިޔާސީ ކެމްޕޭންގައި ވޯޓް ރެޖިސްޓްރޭޝަންގެ މަސައްކަތުގައިވެސް އޮބާމާ ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން އޮމާބާ އަދާކުރެއްވި ބައެއް މަޤާމުތަކުގެ ތެރޭގައި އިލިންވީ ޔުނިވަސިޓީގެ ލެކްޗަރަރ އެއްގެ މަޤާމާއި އެމެރިކާގެ ބިޒިނަސް އިންޓަރނޭޝަނަލް ކޯޕަރޭޝަން ކުންފުނީގެ ފައިނޭންސަލް އެނަލިސްޓެއްގެ މަޤާމާއި ޗިކާގޯގެ ކަޅު މީހުން ދިރިއުޅޭ ފަޤީރު އަވަށްތައް ތަރައްޤީކުރުމުގެ މަސްރޫޢެއްގެ ޑައިރެކްޓަރ ކަމުގެ މަޤާމު ހިމެނެއެވެ.

އޮބާމާ، އޭނަގެ ހަޔާތުގެ ބައިވެރިޔާ. މިސޭލްއަށް އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ 1988 ވަނަ އަހަރު ލޯ ފާމްގައި މަސައްކަތްކުރައްވަން އުޅުއްވަނިކޮށެވެ. މިދެމަފިރިކަބަލުން ކައިވެނިބައްލަވާގަތީ 1992 ވަނަ އަހަރުއެވެ. އޭގެ ފަހުގައި ދިރިއުޅުއްވަމުން ގެންދެވީ ޗިކާގޯގެ ދެކުނު ޓައުންއެއްކަމަށްވާ ކެންވުޑްގައެވެ. މިދެމަފިރިކަބަލުންނަށް ދެއަންހެންކަނބަލުން ލިބިވަޑައިގަތެވެ. އެއީ މާލިޔާ (އުފަންވީ 1998 ގައި) އާއި ސާސާ (އުފަންވީ 2001 ގައި) އެވެ.

1995 ވަނަ އަހަރު އޮބާމާ އޭނާގެ ބައްޕައާއި ބެހޭގޮތުން ތައްޔާރުކޮށް ޝާއިޢުކުރި "ޑްރީމްސް ފްރޮމް މައި ފަދަރ: އަ ސްޓޯރީ އޮފް ރޭސް އެންޑް އިންހެރިޓެންސް" މިފޮތުގެ އޯޑިޔޯ ވާޝަންއަށް ގްރެމީ އެވޯޑެއް ލިބިފައިވެއެވެ. ސެޕްޓެމްބަރ އެގާރާގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު، އެމެރިކާއިން ޓެރަރިސްޓުން ނައްތާލުމުގެ ނަމުގައި އަފްގާނިސްތާނާއި ދެކޮޅަށް ކުރި ހަނގުރާމައާއި، ސައްދާމްގެ ވެރިކަން ވައްޓާލުމަށް އިރާޤާއި ދެކޮޅަށް ކުރި ހަނގުރާމައާއި ގުޅިގެން، އޮމާބާވަނީ ފާޅުކަންބޮޑު ގޮތެއްގައި ބުސްގެ ސިޔާސަތަށް ފާޑު ވިދާޅުވެފައިވެއެވެ.

ފެބްރުއަރީ 1997 ވަނަ އަހަރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހިލަރީ ކްލިންޓަނާއިއެކު އޮމާބާގެ ނަންވެސް ޑިމޮކްރެޓިކް ޕްރެސިޑެންޝަލް އެއްގެ ގޮތުގައި އެނައުންސްކުރެވުނެވެ. އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ޕްރައިމަރީސްގައި ހިލަރީ ކްލިންޓަނާއި ވަރަށް ވަރުގަދައަށް ވާދާކުރައްވައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓްގެ މަޤާމް އޮބާމާ ކާމިޔާބު ކުރެއްވިއެވެ. އަދި މިދިޔަ ނޮވެމްބަރުމަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޖޯން މެކޭން އާއި ވާދަކުރައްވައިގެން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބު ކުރައްވައި އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސްކަމަށް ވެވަޑައިގެންނެވިއެވެ. އޮބާމާއަކީ އެމެރިކާގެ 44 ވަނަ ރައީސެވެ.

އެމެރިކާގެ ކޯޓުތަކުގައި އުފުލާފައިވާ ކޫސަނި ދައުވާތައް


މައިކަލް ޖޯޑަންގެ މައްޗަށް ދަޢުވާ އުފުލީ ވައްތަރުކަމުން


އެލެން ހެކާޑް ނަމަކަށް ކިޔާ އެމެރިކާ މީހަކު 1996 ވަނަ އަހަރު މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަން އާއި ދެކޮޅަށް ދައުވާއެއް އުފުލިއެވެ. އެލެން ހެކާޑްގެ ދައުވާ އަކީ މައިކަލް ޖޯޑަން އޭނާއާއި ވައްތަރުވުމެވެ. އެލެން ޤަބޫލުކުރާގޮތުގައި މައިކަލް ޖޯޑަން އޭނާއާއި ވައްތަރުވުމުގެ ސަބަބުން އޭނާގެ ހަޔާތުގައި ދަނީ ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. އެލެން މިދައުވާ އުފުލާފައިވަނީ އެމެރިކާގެ ވޮޝިންޓަން ކޯޓީ ކޯޓުގައެވެ. މީހުން އެލެންއާއި ދިމާއަށް މައިކަލް ޖޯޑަންގެ ނަމުން މުޙާތަބުކުރަމުންދާތީ އޭނާއަށް ދިރިއުޅެންވެސް އުނދަގޫވެފައިވާކަމަށް އޭނާ ބުނެފައިވެއެވެ. "އަހަރެން ބާސްކެޓްކުޅެން ދިޔަސް މީހުން ގޮވާނީ މައިކަލް ޖޯޑަން އޭ ކިޔައިގެން. ވަރަށް އުނދަގޫވޭ އެހެން ގޮވާތީ" އެލެން ބުނެފައިވެއެވެ. އިސްކޮޅުގައި 6 ފޫޓް ހުންނަ އެލެން ބާސްކެޓްކުޅޭއިރު ލަނީވެސް މައިކަލް ޖޯޑަން ބޭނުންކުރާ ކަހަލަ ބޫޓެކެވެ. އޭނާ ބުނެފައިވަނީ އެކަހަލަ ބޫޓް އޭނާލަނީ އެއީ އޭނާ އަށް އެންމެ ފަސޭގަ އަދި އެންމެ ގުޅޭ ވައްތަރުގެ ބޫޓްކަމަށް ވާތީކަމުގައެވެ.

ވައްކަންކުރަން ވަދެ، ނިކުމެވޭނެ ގޮތެއްނެތިގެން އުފުލި ދައުވާ


1998 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ޓެރޭސް ޑިކްސަން ނަމަކަށް ކިޔާ މީހަކު ގެއަކަށް ވައްކަންކުރަން ވަނެވެ. އޭނާ ވައްކަންކުރަން ވަނީ އެގޭގެ ގަރާޖުގެ ތެރެއިންށެވެ. އޭނާ އެގެއަށް ވައްކަންކުރަންވަދެ އޮޓޯއިން ގޭޓް ތިރިކުރެވޭގޮތަށްހުރި އެގޭގެ ގަރާޖުގެ ދޮރު ތިރިކުރިއެވެ. ނަސީބު ދެރަކަމުން ޑިކްސަން އެގޭޓް ތިރިކުރުމާއިއެކު ގޭޓް ތާށިވިއެވެ. އަދި ޑިކްސަންއަށް އެގޭޓް ހުޅުވާނެގޮތެއްނެތި ގަރާޖުތެރޭގައި މަޑުކުރަން ޖެހުނެވެ. އެއީ އޭނާ ނުކުންނަން އުޅުމުގެ ތެރޭގައި ގަރާޖުގެ ގޭޓް ނުހުޅުވި ތާށިވީމައެވެ. އެންމެފަހުން ގަރާޖުތެރެއިން ގޭތެރެއަށްވެސް އަދި ގަރާޖުން ބޭރަށްވެސް ނުނިކުމެވި އެތެރޭގައި ޑިކްސަން ތާށިވިއެވެ. އޭރު އެގޭގައި އުޅޭ މީހުންވީ ޗުއްޓީ ހޭދަކޮށްލުމަށް ޤައުމުން ބޭރަށް ގޮހެވެ. އެންމެފަހުން ނިކުމެވޭނެ ގޮތެއްނެތިފައި ޑިކްސަން 8 ދުވަސްވާންދެން ގަރާޖުތެރޭގައި ތާށިވެފައި ހުންނަންޖެހުނެވެ. އެހާ ގިނަދުވަސްތަކެއް ވާންދެން ޑިކްސަން ހުރީ ގަރާޖުތެރެއިން ފެނުނު ޕެޕްސީ ކޭހެއް ބޮއިގެންނެވެ. މިކަމާއި ރުޅިއައިސް ރަތްވެފައިވާ ޑިކްސަންވަނީ ގަރާޖުގެ ތެރެއިން ނުކުމެވުމާއިއެކު އެގޭގެ ވެރިމީހާއާއި ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައެވެ. ޑިކްސަން ދައުވާ އުފުލާފައިވަނީ އޭނާއަށް ނަފްސާނީގޮތުން ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށްބުނެއެވެ.

ނަގޫރޯޅިއެއް އަންނާނެކަމުގެ އިންޒާރު ދީފައިނުވާތީ ޕާކަކާއި ދެކޮޅަށް އުފުލި ދައުވާ


އެމެރިކާގެ ރައްޔިތެއްކަމުގައިވާ ޝޯން ޕާކިން ނަމަކަށް ކިޔާ މީހަކު "ކިންގްސް އައިލެންޑް އެމިޔުސްމެންޓް ޕާކް" ކައިރީ ކާރު ޕާކުކޮށްފައިވަނިކޮށް އެތަނަށް ނަގޫރޯޅިއެއް އައެވެ. މިނަގޫރޯޅީގައި އޭނާގެ ކާރަށް ކޮންމެވެސް ވަރަކަށް ގެއްލުންވިއެވެ. ޝޯންއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން އޭނާވަނީ އެޕާކާއި ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައެވެ. ޝޯންގެ ލޯޔަރު އެމައްސަލާގައި ޕާކާއި ދެކޮޅަށް ދައުވާ އުފުލަމުން ބުނެފައިވަނީ އެކަހަލަ ހާލަތްތަކަކީ އެތަށް ބަޔަކަށް ގެއްލުންލިބޭ ހާލަތެއްކަމުން އެކަމުގެ އިންޒާރު ދީފައިނުވާތީ ޝޯންއަށް ލިބުނު ގެއްލުމުގެ ބަދަލު އެމިޔުސްމެންޓް ޕާކުން ދޭންޖެހޭނެކަމަށެވެ. އަދި ޝޯންގެ ލޯޔަރުވަނީ އެހާދިސާގައި މަދު ބަޔަކަށް ނަމަވެސް ގެއްލުންވެފައިވާތީ އެފަދަ ހާދިސާއެއް ހިނގުމުގެ ކުރިން އެންމެންނަށްވެސް ގެއިން ބޭރަށް ނުނިކުތުމަށް އެޕާކުން އިންޒާރު ދޭންޖެހޭނެކަމަށްވެސް ބުނެފައެވެ.

ފާސްޓްފުޓްގެ ޚިދުމަތްދޭ ރެސްޓޯރެންޓްތަކާއި ދެކޮޅަށް އުފުލި ދަޢުވާ


އުމުރުން 56 އަހަރުވެފައިވާ 250 ޕައުންޑްގެ ބަރުދަންހުންނަ ސީސަރ ބާބަރ ނަމަކަށް ކިޔާ މީހަކުވަނީ އެމެރިކާގެ މަޝްހޫރު ފާސްޓްފުޑްގެ ޚިދުމަތްދޭ ރެސްޓޯރެންޓްތަކާއި ދެކޮޅަށް ދައުވާއެއް އުފުލާފައެވެ. ސީސަރ ބުނާގޮތުގައި އެފަދަ ރެސްޓޯރެންޓްތަކުން ފާސްޓްފުޑް ސާވްކުރުމުގެ ސަބަބުން އޭނާއަށް އެތަންތަނުން ކެމުމަށް ވަނީ މަޖުބޫރުވެފައެވެ. އޭނާ މިދައުވާ އުފުލާފައިވަނީ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރެންޓްތައް ކަމަށްވާ މެކް ޑޮނާލްޑާއި، ބާގަރ ކިންގާއި، ވެންޑީސް އަދި ކޭ.އެފް.ސީ އާއި ދެކޮޅަށެވެ. ސީސަރ ބުނާގޮތުގައި އެރެސްޓޯރެންޓްތަކުން އޭނާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކާއި ދޭތެރޭ ނުވިސްނާތާ އެފަދަ އިންޒާރެއްވެސް އޭނާއަށް ދީފައި ނުވެއެވެ. މިމައްސަލަ އޭނާވަނީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކޯޓުގެ ޖަޖުންވަނީ މިމައްސަލަ ނުބެލޭނެކަމަށްބުނެ ކޯޓުން މިމައްސަލަ ބޭރުކޮށްލާފައެވެ.