Wednesday, June 10, 2009

އެމެރިކާގެ ކޯޓުތަކުގައި އުފުލާފައިވާ ކޫސަނި ދައުވާތައް


މައިކަލް ޖޯޑަންގެ މައްޗަށް ދަޢުވާ އުފުލީ ވައްތަރުކަމުން


އެލެން ހެކާޑް ނަމަކަށް ކިޔާ އެމެރިކާ މީހަކު 1996 ވަނަ އަހަރު މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަން އާއި ދެކޮޅަށް ދައުވާއެއް އުފުލިއެވެ. އެލެން ހެކާޑްގެ ދައުވާ އަކީ މައިކަލް ޖޯޑަން އޭނާއާއި ވައްތަރުވުމެވެ. އެލެން ޤަބޫލުކުރާގޮތުގައި މައިކަލް ޖޯޑަން އޭނާއާއި ވައްތަރުވުމުގެ ސަބަބުން އޭނާގެ ހަޔާތުގައި ދަނީ ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. އެލެން މިދައުވާ އުފުލާފައިވަނީ އެމެރިކާގެ ވޮޝިންޓަން ކޯޓީ ކޯޓުގައެވެ. މީހުން އެލެންއާއި ދިމާއަށް މައިކަލް ޖޯޑަންގެ ނަމުން މުޙާތަބުކުރަމުންދާތީ އޭނާއަށް ދިރިއުޅެންވެސް އުނދަގޫވެފައިވާކަމަށް އޭނާ ބުނެފައިވެއެވެ. "އަހަރެން ބާސްކެޓްކުޅެން ދިޔަސް މީހުން ގޮވާނީ މައިކަލް ޖޯޑަން އޭ ކިޔައިގެން. ވަރަށް އުނދަގޫވޭ އެހެން ގޮވާތީ" އެލެން ބުނެފައިވެއެވެ. އިސްކޮޅުގައި 6 ފޫޓް ހުންނަ އެލެން ބާސްކެޓްކުޅޭއިރު ލަނީވެސް މައިކަލް ޖޯޑަން ބޭނުންކުރާ ކަހަލަ ބޫޓެކެވެ. އޭނާ ބުނެފައިވަނީ އެކަހަލަ ބޫޓް އޭނާލަނީ އެއީ އޭނާ އަށް އެންމެ ފަސޭގަ އަދި އެންމެ ގުޅޭ ވައްތަރުގެ ބޫޓްކަމަށް ވާތީކަމުގައެވެ.

ވައްކަންކުރަން ވަދެ، ނިކުމެވޭނެ ގޮތެއްނެތިގެން އުފުލި ދައުވާ


1998 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ޓެރޭސް ޑިކްސަން ނަމަކަށް ކިޔާ މީހަކު ގެއަކަށް ވައްކަންކުރަން ވަނެވެ. އޭނާ ވައްކަންކުރަން ވަނީ އެގޭގެ ގަރާޖުގެ ތެރެއިންށެވެ. އޭނާ އެގެއަށް ވައްކަންކުރަންވަދެ އޮޓޯއިން ގޭޓް ތިރިކުރެވޭގޮތަށްހުރި އެގޭގެ ގަރާޖުގެ ދޮރު ތިރިކުރިއެވެ. ނަސީބު ދެރަކަމުން ޑިކްސަން އެގޭޓް ތިރިކުރުމާއިއެކު ގޭޓް ތާށިވިއެވެ. އަދި ޑިކްސަންއަށް އެގޭޓް ހުޅުވާނެގޮތެއްނެތި ގަރާޖުތެރޭގައި މަޑުކުރަން ޖެހުނެވެ. އެއީ އޭނާ ނުކުންނަން އުޅުމުގެ ތެރޭގައި ގަރާޖުގެ ގޭޓް ނުހުޅުވި ތާށިވީމައެވެ. އެންމެފަހުން ގަރާޖުތެރެއިން ގޭތެރެއަށްވެސް އަދި ގަރާޖުން ބޭރަށްވެސް ނުނިކުމެވި އެތެރޭގައި ޑިކްސަން ތާށިވިއެވެ. އޭރު އެގޭގައި އުޅޭ މީހުންވީ ޗުއްޓީ ހޭދަކޮށްލުމަށް ޤައުމުން ބޭރަށް ގޮހެވެ. އެންމެފަހުން ނިކުމެވޭނެ ގޮތެއްނެތިފައި ޑިކްސަން 8 ދުވަސްވާންދެން ގަރާޖުތެރޭގައި ތާށިވެފައި ހުންނަންޖެހުނެވެ. އެހާ ގިނަދުވަސްތަކެއް ވާންދެން ޑިކްސަން ހުރީ ގަރާޖުތެރެއިން ފެނުނު ޕެޕްސީ ކޭހެއް ބޮއިގެންނެވެ. މިކަމާއި ރުޅިއައިސް ރަތްވެފައިވާ ޑިކްސަންވަނީ ގަރާޖުގެ ތެރެއިން ނުކުމެވުމާއިއެކު އެގޭގެ ވެރިމީހާއާއި ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައެވެ. ޑިކްސަން ދައުވާ އުފުލާފައިވަނީ އޭނާއަށް ނަފްސާނީގޮތުން ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށްބުނެއެވެ.

ނަގޫރޯޅިއެއް އަންނާނެކަމުގެ އިންޒާރު ދީފައިނުވާތީ ޕާކަކާއި ދެކޮޅަށް އުފުލި ދައުވާ


އެމެރިކާގެ ރައްޔިތެއްކަމުގައިވާ ޝޯން ޕާކިން ނަމަކަށް ކިޔާ މީހަކު "ކިންގްސް އައިލެންޑް އެމިޔުސްމެންޓް ޕާކް" ކައިރީ ކާރު ޕާކުކޮށްފައިވަނިކޮށް އެތަނަށް ނަގޫރޯޅިއެއް އައެވެ. މިނަގޫރޯޅީގައި އޭނާގެ ކާރަށް ކޮންމެވެސް ވަރަކަށް ގެއްލުންވިއެވެ. ޝޯންއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން އޭނާވަނީ އެޕާކާއި ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައެވެ. ޝޯންގެ ލޯޔަރު އެމައްސަލާގައި ޕާކާއި ދެކޮޅަށް ދައުވާ އުފުލަމުން ބުނެފައިވަނީ އެކަހަލަ ހާލަތްތަކަކީ އެތަށް ބަޔަކަށް ގެއްލުންލިބޭ ހާލަތެއްކަމުން އެކަމުގެ އިންޒާރު ދީފައިނުވާތީ ޝޯންއަށް ލިބުނު ގެއްލުމުގެ ބަދަލު އެމިޔުސްމެންޓް ޕާކުން ދޭންޖެހޭނެކަމަށެވެ. އަދި ޝޯންގެ ލޯޔަރުވަނީ އެހާދިސާގައި މަދު ބަޔަކަށް ނަމަވެސް ގެއްލުންވެފައިވާތީ އެފަދަ ހާދިސާއެއް ހިނގުމުގެ ކުރިން އެންމެންނަށްވެސް ގެއިން ބޭރަށް ނުނިކުތުމަށް އެޕާކުން އިންޒާރު ދޭންޖެހޭނެކަމަށްވެސް ބުނެފައެވެ.

ފާސްޓްފުޓްގެ ޚިދުމަތްދޭ ރެސްޓޯރެންޓްތަކާއި ދެކޮޅަށް އުފުލި ދަޢުވާ


އުމުރުން 56 އަހަރުވެފައިވާ 250 ޕައުންޑްގެ ބަރުދަންހުންނަ ސީސަރ ބާބަރ ނަމަކަށް ކިޔާ މީހަކުވަނީ އެމެރިކާގެ މަޝްހޫރު ފާސްޓްފުޑްގެ ޚިދުމަތްދޭ ރެސްޓޯރެންޓްތަކާއި ދެކޮޅަށް ދައުވާއެއް އުފުލާފައެވެ. ސީސަރ ބުނާގޮތުގައި އެފަދަ ރެސްޓޯރެންޓްތަކުން ފާސްޓްފުޑް ސާވްކުރުމުގެ ސަބަބުން އޭނާއަށް އެތަންތަނުން ކެމުމަށް ވަނީ މަޖުބޫރުވެފައެވެ. އޭނާ މިދައުވާ އުފުލާފައިވަނީ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރެންޓްތައް ކަމަށްވާ މެކް ޑޮނާލްޑާއި، ބާގަރ ކިންގާއި، ވެންޑީސް އަދި ކޭ.އެފް.ސީ އާއި ދެކޮޅަށެވެ. ސީސަރ ބުނާގޮތުގައި އެރެސްޓޯރެންޓްތަކުން އޭނާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކާއި ދޭތެރޭ ނުވިސްނާތާ އެފަދަ އިންޒާރެއްވެސް އޭނާއަށް ދީފައި ނުވެއެވެ. މިމައްސަލަ އޭނާވަނީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކޯޓުގެ ޖަޖުންވަނީ މިމައްސަލަ ނުބެލޭނެކަމަށްބުނެ ކޯޓުން މިމައްސަލަ ބޭރުކޮށްލާފައެވެ.

No comments:

Post a Comment