Wednesday, June 10, 2009


ބަރަކް އޮބާމާގެ ހަޔާތަށް އަވަސް ކަޅިއެއް


ބަރަކް ހުސައިން އޮބާމާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1961، އޮގަސްޓް 4 ވަނަ ދުވަހު ހަވާއީގެ ހޮނޮލޫލޫ އަށެވެ. ބަރަކްގެ ބައްޕަ، ބަރަކް އޮމާބާ ސީނިއަރ، އަކީ އެފްރިކާ ބައްރުގެ ކެންޔާއަށް އުފަން ބޭފުޅެކެވެ. އޮބާމާގެ މަންމަ، އާން ޑެންހަމް ބޮޑުފުޅުވަމުން އައިސްފައިވަނީ ކެންސަސްގެ ވިސީޓަސްގައެވެ. އޮބާމާގެ މަންމަ، އާން ޑެންހަމްގެ މައިންބަފައިންނަކީ ދެވަނަ ބޮޑު ހަނގުރާމާގައި ޖަޕާނުން، ޕާލް ހާބަރއަށް ދިން ހަމަލާއަށްފަހު އެމެރިކާގެ އަސްކަރީ ދާއިރާގައި ޚިދުމަތްކުރެއްވި ދެ ބޭފުޅުންނެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުމުން އެ ދެމަފިރިން ހަވާއީއަށް ބަދަލުވެ، ފެޑެރަލް ހައުސިން ޕްރޮގްރާމްގެ ދަށުން ގެއެއް ގަނެ، ހަވާއީގައި ވަޒަންވެރިވީއެވެ. ހަމަ އެދުވަސްވަރު ކެންޔާގައި ހުންނެވި ބަރަކްގެ ބައްޕަ، އޮބާމާ ސީނިއަރއަށް ލިބުނު ސްކޮލަޝިޕެއްގައި ހަވާއީއަށް ކިޔަވާވިދާޅުވުމަށްޓަކައި ދިޔައެވެ. އޭރު އޮބާމާގެ މަންމަ، އާން ޑެންހަމްވެސް ކިޔަވާވިދާޅުވަމުންދިޔައީ އޮބާމާގެ ބައްޕަވެސް ކިޔަވާވިދާޅުވަމުންދިޔަ ހަވާއީ ޔުނިވަރސިޓީގައެވެ. މިދެމަފިރިން އެންމެ ފުތަރަމަ ދިމާވެފައިވަނީ ޔުނިވަރސިޓީގައި ކިޔަވަންއުޅުއްވި ދުވަސްވަރުއެވެ. އަދި އޭގެ އަހަރުތަކެއްފަހުން މިދެމަފިރިން ކައިވެނީގެ ގޮތުން ގުޅުނެވެ.

އޮބާމާގެ އުމުރުފުޅުން އެންމެ ދެ އަހަރުގައި މިދެމަފިރިންގެ ކައިވެނި ރޫޅިގެން ދިޔައެވެ. އޭގެ ފަހުގައި އޮމާބާގެ ބައްޕަ ހަވާޑް ޔުނިވަރސިޓީއަށް ބަދަލުވެ، އެތަނުން ޕީ.އެޗް.ޑީ ހާސިލްކުރެއްވުމަށްފަހު އެނބުރި އޭނާގެ ޤައުމަށް، އާދެ ކެންޔާއަށް އެއްކޮށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އޭގެ ދުވަސްކޮޅެއްފަހުން އޮބާމާގެ މަންމަ، ހަވާއީގައި ކިޔަވަންހުންނެވި އިންޑޮނޭޝިޔާގެ މުސްލިމް ފިރިހެނަކާއި ކައިވެނި ބައްލަވައިގެން އޮބާމާ އާއިއެކު 1967 ވަނަ އަހަރު ޖަކާޓާއަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އޮބާމާގެ އަންހެން ކޮއްކޮ، އުފަންވެފައިވަނީ އޮމާބާގެ އާއިލާ ޖަކާޓާއަށް ބަދަލުވެ ވަޑައިގެން ފަހުންނެވެ. އޮބާމާ ފުރަތަމަ ތަޢުލީމު ހާސިލްކުރެއްވީ އިންޑޮނޭސިޔާގެ އިސްލާމީ މަދުރަސާއެއްގައެވެ. އެމަދުރަސާއަކީ ހުރިހާ މާއްދާތަކެއްވެސް އިންޑޮނޭސިޔާ ބަހުން ކިޔަވައިދެމުން ދިޔަ މަދުރަސާއެކެވެ. މަރުރަސީ ދައުރުގައި އޮމާބާގެ ނަމަކަށް އޭނާގެ ރަޙުމަތްތެރިން ކިޔާފައިވަނީ "ބެރީ" އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އޮބާމާގެ އުމުރުން ދިހަ އަހަރުގައި އަނެއްކާވެސް އޭނާގެ މުސްކުޅި މާމަމެން ކައިރިއަށް، ހަވާއީއަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. ހަވާއީއަށް ދިރިއުޅުން ބަދަލުވެވަޑައިގަތުމަށްފަހު ޕުނަހޫ އެކަޑަމީގެ 5 ވަނަ ގުރޭޑުން ކިޔަވާވިދާޅުވާން ފެށިއެވެ. އަދި 1979 ވަނަ އަހަރު އޯނާސްއަކާއިއެކު އެތަނުން ގުރެޖުއޭޓްވިއެވެ، އޮމާބާއަކީ އެމަދުރަސާގައި ކިޔަވަންތިބި ކަޅު ނަސްލުގެ ތިން ދަރިވަރުންގެ ތެރެއިން އެއްބޭފުޅެވެ. އެމެރިކާގެ ނަސްލީ ތަފާތުވުންތައް ނައްތާލުމަށް އޮބާމާގެ ވިސްނުންފުޅު ފެށިގެން އައީ މިތަނުގައި ކިޔަވާވިދާޅުވާން ހުންނަވަނިކޮށެވެ.

1995 ވަނަ އަހަރު އޮމާބާގެ މަންމަ އުރަމަތީ ކެންސަރުގެ އާލާސްކަންފުޅުގައި އަވަހާރަފުޅުވީއިރު، އޮމާބާ ހުންނެވީ ހަވާއީގައެވެ. އޮބާމާއަށް އޭނާގެ ބައްޕަ ހަމަލޮލުން ފެނިވަޑައިގެންފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1982 ވަނަ އަހަރު ދިމާވި ކާރު އެކްސިޑެންޓެއްގައި އޭނާގެ ބައްޕަ ނިޔާވިދުވަހުއެވެ.

ކެނިފޯނިޔާ ޔުނިވަރސިޓީގައި ދެއަހަރު ދުވަހު މަތީ ތަޢުލީމް ހާސިލްކުރެއްވުމަށްފަހު ކޮލަންބިއަން ޔުނިވަރސިޓީއަށް ވަދެވަޑައިގެން ޕޮލިޓިކަލް ސައިންސްގެ ރޮނގުން އޮބާމާ ޑިގްރީއެއް ހާސިލްކުރެއްވިއެވެ. އެއަށްފަހު ހަވާޑް ޔުނިވަރސިޓީއަށް ވަދެވަޑައިގެން 1991 ގައި ޤާނޫނީ ރޮނގުން މާސްޓާސް ހާސިލްކުރެއްވިއެވެ. ގާނޫނީ ރޮނގުން މާސްޓާސް ހާސިލްކުރެއްވުމަށްފަހު އޮމާބާ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ލޯ ފާމެއްގައި ސިވިލް ރައިޓްސް ލޯޔަރެއްގެ މަޤާމެވެ. 1992 ވަނަ އަހަރު ބިލް ކަލިންޓަނުގެ ރިޔާސީ ކެމްޕޭންގައި ވޯޓް ރެޖިސްޓްރޭޝަންގެ މަސައްކަތުގައިވެސް އޮބާމާ ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން އޮމާބާ އަދާކުރެއްވި ބައެއް މަޤާމުތަކުގެ ތެރޭގައި އިލިންވީ ޔުނިވަސިޓީގެ ލެކްޗަރަރ އެއްގެ މަޤާމާއި އެމެރިކާގެ ބިޒިނަސް އިންޓަރނޭޝަނަލް ކޯޕަރޭޝަން ކުންފުނީގެ ފައިނޭންސަލް އެނަލިސްޓެއްގެ މަޤާމާއި ޗިކާގޯގެ ކަޅު މީހުން ދިރިއުޅޭ ފަޤީރު އަވަށްތައް ތަރައްޤީކުރުމުގެ މަސްރޫޢެއްގެ ޑައިރެކްޓަރ ކަމުގެ މަޤާމު ހިމެނެއެވެ.

އޮބާމާ، އޭނަގެ ހަޔާތުގެ ބައިވެރިޔާ. މިސޭލްއަށް އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ 1988 ވަނަ އަހަރު ލޯ ފާމްގައި މަސައްކަތްކުރައްވަން އުޅުއްވަނިކޮށެވެ. މިދެމަފިރިކަބަލުން ކައިވެނިބައްލަވާގަތީ 1992 ވަނަ އަހަރުއެވެ. އޭގެ ފަހުގައި ދިރިއުޅުއްވަމުން ގެންދެވީ ޗިކާގޯގެ ދެކުނު ޓައުންއެއްކަމަށްވާ ކެންވުޑްގައެވެ. މިދެމަފިރިކަބަލުންނަށް ދެއަންހެންކަނބަލުން ލިބިވަޑައިގަތެވެ. އެއީ މާލިޔާ (އުފަންވީ 1998 ގައި) އާއި ސާސާ (އުފަންވީ 2001 ގައި) އެވެ.

1995 ވަނަ އަހަރު އޮބާމާ އޭނާގެ ބައްޕައާއި ބެހޭގޮތުން ތައްޔާރުކޮށް ޝާއިޢުކުރި "ޑްރީމްސް ފްރޮމް މައި ފަދަރ: އަ ސްޓޯރީ އޮފް ރޭސް އެންޑް އިންހެރިޓެންސް" މިފޮތުގެ އޯޑިޔޯ ވާޝަންއަށް ގްރެމީ އެވޯޑެއް ލިބިފައިވެއެވެ. ސެޕްޓެމްބަރ އެގާރާގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު، އެމެރިކާއިން ޓެރަރިސްޓުން ނައްތާލުމުގެ ނަމުގައި އަފްގާނިސްތާނާއި ދެކޮޅަށް ކުރި ހަނގުރާމައާއި، ސައްދާމްގެ ވެރިކަން ވައްޓާލުމަށް އިރާޤާއި ދެކޮޅަށް ކުރި ހަނގުރާމައާއި ގުޅިގެން، އޮމާބާވަނީ ފާޅުކަންބޮޑު ގޮތެއްގައި ބުސްގެ ސިޔާސަތަށް ފާޑު ވިދާޅުވެފައިވެއެވެ.

ފެބްރުއަރީ 1997 ވަނަ އަހަރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހިލަރީ ކްލިންޓަނާއިއެކު އޮމާބާގެ ނަންވެސް ޑިމޮކްރެޓިކް ޕްރެސިޑެންޝަލް އެއްގެ ގޮތުގައި އެނައުންސްކުރެވުނެވެ. އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ޕްރައިމަރީސްގައި ހިލަރީ ކްލިންޓަނާއި ވަރަށް ވަރުގަދައަށް ވާދާކުރައްވައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓްގެ މަޤާމް އޮބާމާ ކާމިޔާބު ކުރެއްވިއެވެ. އަދި މިދިޔަ ނޮވެމްބަރުމަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޖޯން މެކޭން އާއި ވާދަކުރައްވައިގެން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބު ކުރައްވައި އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސްކަމަށް ވެވަޑައިގެންނެވިއެވެ. އޮބާމާއަކީ އެމެރިކާގެ 44 ވަނަ ރައީސެވެ.

No comments:

Post a Comment